Days Hrs Min Sec
Days Hrs Min Sec

الإمام محمد بن عبد الوهاب رحمه الله ބައެއް ވެރިންނާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ތަޢުޙީދު ޙިމާޔަތް ކުރެއްވުމަށްޓަކައި!

الإمام محمد بن عبد الوهاب رحمه الله ބައެއް ވެރިންނާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ތަޢުޙީދު ޙިމާޔަތް ކުރެއްވުމަށްޓަކައި!

މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުން ދުނިޔެއަށް ފޮނުއްވާފައިވަނީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ތައުޙީދު ޤާއިމުކުރެއްވުމަށްޓަކައެވެ. އެއީ އިންސާނާ ދުނިޔޭގައި ވުޖޫދުކުރެއްވުމުގެ މަޤްޞަދެވެ. ދުނިޔޭގައި މާތް ﷲ ނޫން ފަރާތްތަކަށް އަޅުކަންކޮށް އެކަލާނގެ ޝަރީޢަތް ނޫން އެހެނިހެން ވަޟުޢީ ފަލްސަފާތަކަށް މީސްތަކުން ޙުކުމް ކުރަންފަށައިފިނަމަ ބިމުގައި އިންސާނުން ލެއްވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިހެންވެ ތަފާތު ޒަމާންތަކުގައި މާތް ﷲ ވަނީ ރަސޫލުބޭކަލުން ފޮނުއްވާފައެވެ. އަދި އެބޭކަލުންނަށްފަހު އުންމަތުގެ ޢިލްމުވެރިން ތަފާތު ޒަމާންތަކުގައިވަނީ ތައުޙީދު ޤާއިމުކޮށް ޝިރުކުން މީސްތަކުން އިންޛާރުކުރައްވާފައެވެ. އަދިރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުތަކުން ނުރައްކަލާއި ކުރިމަތިލެއްވި މަގުން ޢިލްމުވެރިންވެސްވަނީ އެބޭކަލުންގެ ޤައުމުތަކުން ނުރައްކަލާއި ކުރިމަތި ލައްވާފައެވެ. މިގޮތުން ފަހުޒަމާނުގައި ޝިރުކާއި ބިދުޢައާއި ޚުރާފީ ކަންކަމާއި ދެކޮޅަށް ނިކުންނެވި ޢިލްމުވެރިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްބޭފުޅަކީ الشيخ محمد بن عبد الوهاب رحمه الله  އެވެ.

އެބޭފުޅާގެ ޒަމާނުގައި އުންމަތުގެ ޙާލަތު ގޮސްފައިއޮތް މިންވަރު ޞިފަކުރައްވަމުން الشيخ عبد اللطيف بن عبد الرحمن بن حسن آل الشيخ رحمه الله ވިދާޅުވެފައި ވެއެވެ.” ފަހެ އެއީ އިސްލާމީ އުޞޫލުތަކާއި ބީރައްޓެހި ވެގެންވާ ދުވަސްވަރެކެވެ. ދީނުގެ އެންމެހާ ކަންކަން ވަނީ ފަނޑުވާން ފަށާފައެވެ. ތަޢުހީދުގެ ކިއްލާވަނީ ފުނޑުފުނޑުވެފައެވެ. ޖާހިލީޒަމާނުގެ ކަންކަންވަނީ އެބަމީހުންގެ މައްޗަށް ފާޅުވާން ފަށާފައެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތަކާއި އުޞޫލުތައްވަނީ ފުނޑުފުނޑުވެފައެވެ. ޖާހިލުކަމާއި ކަނު ތަޤުލީދުވަނީ އެބައިމީހުންގެމައްޗަށް ފާޅުވެފައެވެ. ކީރިތި ޤުރްއާނާއި ސުންނަތަށް ތަބާވުމުން މީސްތަކުންވަނީ ފުރަގަސްދީފައެވެ. އެބަމީހުންވެފައިވަނީ އެބައިމީހުންގެ ޤައުމުގައި ކަންކުރެވެމުން އައިސްފައިވާގޮތް ފިޔަވާ އެހެންއެއްވެސް އެއްޗެއް ނުދަންނަ ކުޑަކުދިންފަދަ ބަޔަކަށެވެ. އެ ޤައުމުގެ މީސްތަކުން މުސްކުޅިވެފައިވަނީ ކާބަފައިން އުޅެމުން އައިސްފައިވާ ބާޠިލުގެ މަތީގައެވެ. ޝަރީޢަތުގެ ތަނބުތައްވަނީ ފުނޑުފުނޑުވެފައެވެ. ވަޙީގެ ނައްޞުތަކާއި ސުންނަތުގެ އަޞްލުތައްވަނީ ނެތިދާން ފަށާފައެވެ. ކާބަފައިން އުޅުނުގޮތް އެއީ އެމީހުންގެތެރޭގައި އެންމެމަތިވެރި ގޮތެވެ. އެބައިމީހުންގެ ގާތުގައި ޤަބޫލުކުރެވޭ ބަހަކަށްވަނީ ކާހިނުންނާއި ޠޯޣޫތުންގެ ބަސްތަކެވެ. އެބައިމީހުންވަނީ ތައުޙީދުގެ މަގުން އެބައިމީހުންގެ ބޯ ދަމައިގެންފައެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވެ، ވަލީވެރިންނާއި ޞާލިޙުންނާއި އަޅުކަންކުރެވޭ ބުދުތަކާއި ޝައިޠާނުންނަށް ކުއްތަންވުމާއި އެހީތެރިކަމަށް އެދިއެދި އެބައިމީހުންވަނީ ވަރުބަލިވެފައެވެ. މިކަމުގެމައްޗަށް އެބައިމީހުންގެ ޢިލްމުވެރިންނާއި ވެރިންގެ ބަސްތައް އެބައިމީހުންވަނީ ޤަބޫލުކޮށްފައެވެ. “( مجموعة الرسائل والمسائل النجدية 3/381-382)

އިސްވެ ބަޔާންކުރެވި ދިޔައީ الشيخ محمد بن عبد الوهاب رحمه الله ގެ ޒަމާނުގައި އެބައިމީހުންގެ ޙާލަތުހުރި ގޮތެވެ. ސިޔާސީގޮތުން ބަލާނަމަ އެޒަމާނަކީ ޢުޘްމާނީ ޚިލާފަތް ބަލިކަށިވެފައިވާ ދުވަސްވަރެވެ. ނަމަވެސް ރަމްޒީގޮތެއްގައި ތަބާވަމުންދިޔައީ ޢުޘްމާނީ ޚިލާފަތަށެވެ. ގިނަ ރަށްތަކުގައި ވެރިކަންކުރަމުން ދިޔައީ އަޝްރާފުންނެވެ. އެބައިމީހުންވަނީ އިސްވެދެންނެވި ޚުރާފާތާއި ޝިރުކު ފަތުރާ އެކަންކަން ޙިމާޔަތްކުރާ ބައެއްގެ ގޮތުގައެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި الشيخ محمد بن عبد الوهاب رحمه الله ނިކުމެ ވަޑައިގެން ތައުޙީދަށް ގޮވާލެއްވުމުން އެކި ރަށްރަށުގެ ވެރިން އެ ބޭފުޅާއާއި ދެކޮޅަށް ނުކުތެވެ. އެ ވެރިން އެރަށްރަށުގައި ޤާއިމް ކުރެވިފައިވާޝިރުކުގެ ބިނާތައް ޙިމާޔަތް ކުރުމަށް ތެދުވިއެވެ. ނަމަވެސް الشيخ محمد بن عبد الوهاب رحمه الله ނިކުމެ ވަޑައިގެން ތައުޙީދަށް ދަޢުވަތު ދެއްވައި އެދަޢުވަތަށް ހުރަސްއަޅައި، ކުރިމަތިލީ މީހުންނާއިދެކޮޅަށް ކަނޑިން ހަނގުރާމަކުރެއްވިއެވެ. އެއީ ތަޢުހީދުގެ ޙިމާޔަތުގައެވެ. ތައުޙީދުގެ ބިމުން ޝިރުކުގެ އަސަރުތައް ފުހެލުމަށްޓަކައެވެ. އެބޭފުޅާ ނުކުމެ ވަޑައިގެން ހަނގުރާމަ ކުރެއްވުމުން ޙަސަދަވެރިންނާއި ކާފަރުންނާއި މުނާފިޤުން ތަފާތު ވާހަކަތައް ފެތުރިއެވެ. އެއީ ވެރިންނާއި ދެކޮޅަށް ނުކުތުމަށްގޮވާ ޚަވާރިޖެއްކަމުގައިވެސް ގޮވިއެވެ. އަދި މުސްލިމުން ކާފަރުކުރާ މީހެއްކަމަށްވެސް ތުހުމަތުކުރިއެވެ. ނަމަވެސް الشيخ محمد بن عبد الوهاب رحمه الله އަކީ ސަލަފުއްޞާލިޙުންގެ މަންހަޖާއި ޢަޤީދާގައިހުންނެވި އުންމަތުގެ މުޖައްދިދެކެވެ.

މިއަދު އަޅުގަނޑުމެންވެސް ވާންޖެހޭނީ އެބޭފުޅުންގެ ނަމޫނާ ބަލާބަޔަކަށެވެ. މިޒަމާނުގައި މިކުރެވޭ ކަންކަމާއިމެދު އެބޭފުޅުން ދުނިޔޭގައި ތިއްބެވިނަމަ ހަމަ، ވެރިންނަށް ކިޔަމަންގަތުމޭ ކިޔައިގެން އެއްވެސް އެއްޗެއް ނުބުނެ އެބޭފުޅުން ތިއްބަވާނީ ބާވައޭ އަހުރެން ހިތަށް އަރައެވެ. އަދި މިޒަމާނުގެ ނިޒާމްތަކުގައި ހުންނަގޮތުން ސަރުކާރުންކުރާ އެއްވެސްކަމެއްގައި ރައްޔިތުން އެއްޗެއް ނުބުނެ ތިބެއްޖެކަމުގައިވާނަމަ އެހަނުހުރުން ބެލެވެނީ ރައްޔިތުން އެކަމާއި ރުހެނީ ކަމަށެވެ. މިފަދަ މުންކަރާތްތައް ނައްތާލުމުގައި ސަރުކާރާއި ވެރިމީހާއަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނިކޮށް އެކަމާއި އަޅާނުލާ ތިބުމަކީ އެފަދަ މުންކަރާތްތައް މަނާކުރުމުގައި ރައްތިޔުންނަށް ދެވިފައިވާ ފުރުޞަތުގެ ބޭނުން ނުކުރުންކަމުގައި ވެގެން ހިންގައިދާނެއެވެ. އަދި އަމުދުން މުސްލިމު ޤައުމުތަކުގެ ވެރިންނަށް ބޭރުގެ ތަފާތު ނުފޫޒުތައް އަންނަމުންދާ މިފަދަ ޒަމާނެއްގައި ރައްޔިތުން ނިކުމެ އަޑު އުފުލުމުން އެކަން ވެގެންދާނީ އެފަދަ ފަރާތްތަކަށް ޖަވާބުދިނުމަށް ވެރިންނަށް ވެވޭ އެހީތެރިކަމަކަށެވެ. މިއީ މިއަދުގެ ވެރިކަމުގެ ފަލްސާފާ އޮންނަގޮތެވެ.

މި ލިޔުން މުރާޖަޢާ ކުރެއްވީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެވެ.

ނޯޓް: ހެޔޮކަމާއި ދަރުމައަށް އެދިގެން ވީހާވެސް ގިނަ ފަރާތްތަކަށް މި ލިޔުން ފޯރުކޮށްދިނުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ.

އިސްލާމްދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ހުރިހާ ދިވެހި މުސްލިމުން ތެދުވަން ޖެހޭނެ : ޝައިޚް އިލްޔާސް ޙުސައިން

އިސްލާމްދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ހުރިހާ ދިވެހި މުސްލިމުން ތެދުވަން ޖެހޭނެ : ޝައިޚް އިލްޔާސް ޙުސައިން

ޚަބަރު: ދިއިސްލާމް އޮންލައިން

ރާއްޖޭގައި އިސްލާމްދީން ހަލާކުކޮށް ނައްތާލުމަށް މަކަރުވެރި ރޭވުންތައް ހިންގަމުންދާއިރު، މިދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ހުރިހާ ދިވެހި މުސްލިމުން ތެދުވަން ޖެހޭނެ ކަމުގައި އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވީ “ބުނާށެވެ! އަޑުއަހާ ކިޔަމަން ވެޖައިމެވެ” މި މައުޟޫއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީސް ފައުންޑޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ވިލިމާލޭ ބޯޅަދަނޑުގައި ބޭއްވި ދަރުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް އިލްޔާސް ބަޔާންކުރެއްވި ގޮތުގައި ރާއްޖޭގެ ޤައުމިއްޔަތާއި، މިނިވަންކަމުގެ ބިންގަލަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ލާދީނީ މީހުން ކަންތައްތައް ކުރަމުންދާއިރު، އެތަން ބަލަން މަޑުން ނުތިބެ، ދީން ސަލާމަތްކޮށް ދިފާއުކުރުމަށް މަސައްކަތް ކުރުމަކީ މާތް ﷲ އަށް އީމާންވާ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ބައެއް މީހުންގެ ބަސްމަގާއި ޢަމަލުތައް ހުންނަނީ މުނާފިޤުންގެ ކަންތައްތަކާ އެއްގޮތަށް ކަމަށެވެ. ސާކް ސަމިޓާ ދިމާކޮށް ކާފަރުން އަޅުކަން ކުރަން ގެންގުޅޭ ބުދު ބަހައްޓާފައި ވެސް އެއީ ފޮޓޯ ނުވަތަ ކުޑަކުދިން ކުޅެން ގެންގުޅޭ “ޓޯއި” ފަދަ އެއްޗެއް ކަމަށް ބުނާނެ ކަމަށާއި، ނަމަވެސް އެމީހުންގެ މަޤްސަދަކީ އިސްލާމް ދީން ނިކަމެތިކޮށް ޝިރުކުގެ ނުބައި ވަބާ ރާއްޖޭގައި އަށަގެންނެވުން ކަމުގައި ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ މީ މަކަރުވެރި ރޭވުމެއް ކަމަށާއި، ޝިރުކުގެ ވަބާ ނައްތާލުމަށް އެންމެން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ، ރާއްޖޭގެ ޚިދުމަތްތެރި ސިފައިންނާއި ފުލުހުންވެސް ޝިރުކާއި ބުދު ހިމާޔާތް ނުކޮށް، އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައްވާފައެވެ. ޝައިޚް ވިދާޅުވީ، އެހެން ޤައުމުތަކުގެއި ތަފާތު ދީންތަކަށް އަޅުކަންކުރާ ފައްޅިތައް ހުރުމަކީ ރާއްޖޭގައި އެހެން ދީންތަކުގެ ފައްޅި އަޅައި އެހެން ދީންތައް ރަމްޒުކޮށްދޭ ބިނާތައް ބަހައްޓައި އެފަދަ ކަންކަމަށް ފުރުޞަތު ދޭންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ބައެއް މީހުން “އަހަރެމެން އިންޑިއާ އާއި އެހެން ޤައުމުތަކަށް ވެސް މިދަނީ ނޫންހޭ، އެޤައުމުތަކުގައި ދިރިއުޅެނީ ނޫންހޭ، އެހެން ދީންތަކުގެ ފައްޅިތަކަކަށް ނުވަންނަމެއް ނޫންހޭ” ކިޔައިގެން ދައްކާ ވާހަކަތަކަކީ ވަރަށް ނުބައި މަކަރުވެރި ރޭވުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިކަންކަމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެންޖެހޭނެ ކަމަށެވެ.
އެމްޑީޕީއަށް މެންބަރުން އިތުރުކުރުމަށް ދަރުބާރުގޭގައި ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ދެއްކެވި ވާހަކަތަކަށް ޝައިޚް އިލްޔާސް ވަނީ ރައްދު ދެއްވާފައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ލާދީނީ ކަންކަން ކުރާނަމޭ، ބުދުބަހައްޓާނަމޭ ކުރެވޭނީ ކޮންކަމެއްހޭ ބުނާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށާއި، އެފަދަ މީހުން އެގެންދަނީ އިސްލާމް ދީނަށް ގޮންޖަހައި މުސްލިމުންގެ މޫނުމަތީގައި އެތިފަހަރެއް ޖަހަމުން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އާރާ ބާރަކީ މާތްﷲ ދެއްވަވާ އެއްޗެއް ކަމަށާއި އެއްވެސް ބައަކަށް އަބަދު ވެރިކަމުގައި ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން އެބާވަތުގެ ވާހަކަތައް ނުދައްކަވައި ތައުބާވުމަށް ވެސް ޝައިޚް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.
“އަޅުގަނޑު ތައުބާވުމަށް ގޮވާލުމަކީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ގިނަގިނައިން ތައުބާވާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާ. އެކަމަށް އުފާކުރާ ހާލު އަޅުގަނޑު، އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް މިގޮވައިލަނީ އެފަދަ ވާހަކަތައް ނުދައްކަވައި ތައުބާވެވަޑައިގަތުމަށް” ޝައިޚް އިލްޔާސް ވިދާޅުވި އެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ، އިސްލާމްދީން ހަލާކު ކުރުމަށް މިފަދަ މަކަރުވެރި ވާހަކަދައްކާ ފަރާތްތަކުން، އެ ވާހަކަތަކާ ދެކޮޅު ހަދައި އިސްލާމްދީން ހިމާޔަތްކުރުމަށް ނުކުންނަން އަޑު އުފުލާ މީހުންނަށް މަރުގެ އިންޒާރުތައް ދެމުންދާ ކަމަށާއި، ނަމަވެސް އެއީ ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ދުވަހުން ފެށިގެން ކާބަފައިން ވަނީ ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށް، އަޅުގަނޑުމެންނަކީ އިސްލާމްދީން ނޫން އެހެން ދީނަކަށް އުޅޭބައެއް ނޫން ކަމުގައި މިއަދާއި ހަމައަށް ވާރުތަކޮށްދީފައި ކަމަށެވެ. އަދި އެއީ ކާބަފައިން ވެފައިވާ މަތިވެރި ޤުރުބާނީއެއް ކަމަށާ އެ ޤުރުބާނީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަކީ މިއަދު ރާއްޖޭގައި ތިބި ބަޔަކަށް މާތްﷲ ގެ މަގުގައި ނަޞްރު ދިނުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ މިމަހު 23 ވަނަ ދުވަހު ބާއްވާ އެއްވުމަކީ ސިޔާސީ ކަމެއްކަމަށް ނުދެކި ދީނަށް ނަޞްރުދިނުމަށް ވީހާ ގިނަ ބަޔަކު އެ އެއްވުމުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

23 ޑިސެމްބަރު ގެ މުޒާހިރާގެ ބަޔެއް ޝިޢާރުތައް

23 ޑިސެމްބަރު ގެ މުޒާހިރާގެ ބަޔެއް ޝިޢާރުތައް

  •    އިސްލާމްދީން ޙިމާޔަތް ކުރޭ!
  •   އިސްލާމްދީނާއި ޚިލާފަށް މި ދީބުގައި އެއްވެސް ވެރިއަކަށް ޖާގައެއް ނުދެވޭނެ!
  •   ވަތަން އެދެނީ އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމަށް
  •   ވަތަންއެދެނީ ޢަރަބިއްޔާ ސަލާމަތް ކުރުމަށް
  •   ވަތަން އެދެނީ ޒަޔަނިސްޓުންނަށް ޖަގާ ނުދިނުމަށް
  •   ދިވެހިރާއްޖޭގެ ޑިމޮކްރަސީއަކީ އިސްލާމްދީން އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ
  •   ވަތަން އެދެނީ ލާދީނީ ޙަރަކާތްތައް ވަގުތުން ބަންދު ކުރުމަށް
  •   ވަތަން އެދެނީ ލާދީނީ ގޮވުންތައް މުލުން ލުހެލުމަށް
  •   ޕިއްލޭވަނީ ޤްރުއާނަށް ގޮންޖަހާފަ. ޕިއްލޭވަނީ ޤްރުއާން ބާތިލް ކުރުމަށް ގޮވާލާފަ. ޕިއްލޭވަނީ ދިވެހިންނަށް ފުރައްސާރަކޮށްފަ. ޕިއްލޭވަނީ ޤާނޫން އަސާސީއަށް މަލާމަތްކޮށްފަ.ޕިއްލޭއަށް ޝަރީޢަތް ކުރޭ
  •   ޤާނޫނާއި ޤަވާޢިދު މުގުރާފައި އިސްލާމްދީނަށް ގޮންޖަހާމީހުންނަށް ދިވެހިރާއްޖޭގައި ޖާގައެއްނެތް
  •  ދިވެހިރާއްޖެއަކީ %100 އިސްލާމީ ޤައުމަކަށްވާއިރު ، ދިވެހިރާއްޖޭގެ ބޮޑުމަންޒަރަކީ އިސްލާމްދީންކަން ޔޫއެންނާއި ޔަހޫދީން އަދި އެމެރިކާނުން ދަންނަންޖެހޭނެ
  •  ޔަހޫދީ ނުފޫޒުތަކުން ދިވެހި އިސްލާމީ ޤައުމު މިހާރުން މިހާރަށް މިނިވަން ކުރޭ
  •  ޤައުމު އެދި ގޮވަނީ، ދޮންބަންޑާރައިންނަށް، ޤައުމު އެދި ގޮވަނީ މުޙަމްމަދު ތަކުރުފާނުންނަށް،
  •  އިސްލާމްދީނަށް ގޮންޖަހާ ކޮންމެފަހަރަކު އެމީހަކާއިދެކޮޅަށް ތެދުވުމަށް ދިވެހިންތިބީ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި
  •  އިސްލާމްދީން ޓޮލޮރޭޓްކުރޭ
  •  އިސްލާމްދީނާއިދެކޮޅަށް ބުދުތައް ޙިމާޔަތްކުރުމަށް ފުލުހުންނާއި ސިފައިންލައްވާފައިވާ ޣައިރު ޤާނޫނީ ޢަމަލު ތަހްޤީޤްކޮށް މިހާރުން މިހާރަށް ޝަރީޢަތް ކުރޭ..


“އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން”  – 23 ޑިސެމްބަރު 2011 ވާ ހުކުރުދުވަހުގެ ބޮޑު މުޒާހިރާ

“އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން” – 23 ޑިސެމްބަރު 2011 ވާ ހުކުރުދުވަހުގެ ބޮޑު މުޒާހިރާ

ތަޢާރަފް:

ދިވެހިންގެ ދުނިޔެއާއި އަޚިރަތުގެ ހަމަޖެހުން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކަށް ފާޅުގައި ހަމަލާދީ ހަލާކުކުރަން ފަށައިފިހިނދު ، ދީނާއި ޤައުމުގެ ހައްޤުގައި ވީކަމެއްކޮށް ، ދީނީ ، ޤައުމީ އަދި ފަރުދީ އަދި އިޖްތިމާޢީ މަސްލަޙަތުތައް ހިމާޔަތްކޮށް ރާއްޖޭގެ ޤާނޫނު އަސާސީއަށް އާއްމު ޤާނޫނު ތަށް ހިމާޔަތްކޮށް އަދި ޤައުމު އެއްބައިވަންތަ ކުރުން މިއަދު މިވަނީ ފަރުދީ އަދި އިޖްތިމާޢީ ވާޖިބަކަށްވެފައެވެ.

އެހެންކަމުން ، ކުރިން ފާހަގަ ކުރެވުނު މަސްލަހަތުތަކުގެ ހައްޤުގައި ، މަދަނީ އިއްތިހާދުން އިސްނަގާ، ސިޔާސީ ޕާޓީތަކަށް ދަޢްވަތުދީ، އެފަރާތްތަކުގެ އެންމެފުރިހަމަ އެއްބާރުލުމާއި އަދި ޢަމަލީގޮތުން ބައިވެރިވުމާއިއެކު ” އިސްލާމްދީން ޙިމާޔާތްކުރުމަށް ދިވެހިން” މި ނަމުގައި މި ޝިޢާރުގެ ދަށުން ، 23 ޑިސެމްބަރު 2011 ވާ ހުކުރު ދުވަހުގެ ހަވީރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިފަށާ،ދިވެހިރަށްޔިތުންގެ މުޒާހިރާއަކީ މާލޭގެ ތިންބާރު ސަރަހައްދުން ފެށޭނެ އަމާން އޮމާން ސުލްޙަވެރި މުޒާހިރާއެކެވެ.

މުޒާހިރާގެ ތެރެއިން ސާބިތުވާން ޖެހޭ މައިގަނޑު ކަންކަން:

1.    ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތު ނެތްކަމާއި، އިސްލާމްދީނާއި ޤައުމުގެ ހައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ދިވެހިރަށްޔިތުން ތައްޔާރަށް ތިބިކަން އެތެރެއާއި ބޭރަށް ދެއްކުން

2.    އިސްލާމްދީނާއި އަދި ޤައުމީ މަސްލަހަތުތައް ރައްކާތެރިކުރަންޖެހޭ ހާލަތްތަކުގައި ސިޔާސީ،، އިޖްތިމާޢީ އަދި ފަރުދީ ތަފާތުތައް ދޫކޮށްލާ، އެކީ އެއްބަޔެއްގެ ގޮތުގައި ތިބެ ކާމިޔާބު ހޯދޭނެ ބަޔެއްގެ ގޮތުގައި މުޅި ދިވެހިރަށްޔިތުން ތިބިކަން

3.    އިސްލާމީ އަސާސްތަކަށް ލޮޅުން އަރުވާ، ޤައުމީ މަސްލަހަތުތައް ނިކަމެތިވާގޮތަށް، މިއަދުގެ ސަރުކާރުންނާއި ދެން އަންނާންއޮތް ސަރުކާރުންނާއި އަދި އެއްވެސް ސަރުކާރަކުން ކުރާ ކަންތައްތަކަށް ދިވެހިރަށްޔިތުން ދުވަހަކުވެސް ތާއީދެއް ނުކުރާނެކަން ހާމަކުރުން

މުޒާހިރާގެ މައިގަނޑު މަޤްސަދުތައް:

1.    ސަރުކާރު އަޑީގައި އޮވެގެން މިހާރު ކުރަމުން ގެންދާ އެންމެހާ ލާދީނީ ކަންކަން ހުއްޓުވުމަށް ގޮވާލުން

2.    ސާކް ސަމިޓާއި ދިމާކޮށް އައްޑޫ ސިޓީގައި، ސާކުގެ ޤައުމުތަކުގެ ހަނދާނީ ބިނާކަމަށްބުނެ ބަހައްޓާފައިހުރި ބުދުތައް ނެގުން

3.    އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭކޮމިޝަނަރ ނަވީ ޕިއްލާ ރަށްޔިތުންގެ މަޖިލީހުގައި ދެއްކިވާހަކަތަކުގައި މާތްވެގެންވާ ކީރިތި ޤްރުއާން ބާތިލްކޮށް ޤުރުއާނުގެ ޙުކުމްތަކަށް ފުރައްސާރަކޮށްފައިވާތީ އެވާހަކަތައް ކުށްވެރި ކުރުމާއި އެފަދަކަމެއް އަދުގެ ސަރުކާރުގެ ވެރިކަމެއްގައި ދެން ނުހިނގާނެ ކަމުގެ ޔަޤީންކަން ދިވެހިރަށްޔިތުންނަށް ރައީސް ނަޝީދު ދެއްވުން

4.    ސަރުކާރުގެ ވެރިކަން ފެށުނުފަހުން ސަރުކާރު ބައިވެރިވެގެން ނުވަތަ ސަރުކާރުގެ އިހްމާލުން ނުވަތަ އަޑީގައި ތިބެގެން ރާވައިގެން ދިވެހިރާއްޖޭގައި ހިނގާފައިވާ އަދި ހިންގަމުންދާ އަދި ހިންގަން އުޅޭ އެންމެހާ ޣައިރުދީނުގެ އަދި ލާދީނީ ކަންކަން ހުއްޓުވާނެކަމުގެ ޔަޤީންކަން ދެއްވުމާއި، އެކަންކަމަށްޓަކައި ދިވެހިރަށްޔިތުންގެ ކިބައިން ރައީސް ނަޝީދު މަޢާފަށް އެދިވަޑައިގަތުން

5.    އެކި ނަންނަމުގައި ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ޒިނޭ ޚާނާތައް ބަންދުކުރުވުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދިނުން

މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވޭ : ޝައިޚް އާދަމް ޝަމީމް

މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވޭ : ޝައިޚް އާދަމް ޝަމީމް

ޚަބަރު: ދިއިސްލާމް އޮންލައިން

މުރުތައްދުވެ، އިސްލާމްދީނުގެ ޙުރުމަތް ކަނޑާ، ދީނަށް ފުރައްސާރަކޮށް، މާތް ﷲ ޙަރާމް ކުރެއްވި ފާޙިޝް ޢަމަލުތައް ޙަލާލު އެއްޗެއް ކަމުގައި ޤާނޫނީ ގޮތުން ހެދުމަށް މަސައްކަތް ކުރުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫން ކަމަށާއި، މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމުގައި ޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖްގައި މިއަދު ލިޔުއްވާފައި ވަނީ، މާތްﷲ ގެ ދީނާއި ޝަރީޢަތް ބޭނުން ނުވާ މީހުން، އެމީހުން އުޅެން ބޭނުންވާ ގޮތަކަށް އުޅުމުގެ ޖާގަ އޮތް ތަންތަނަށް ޙިޖުރަ ކުރަންވީ ކަމަށާއި، އަކަމުގެ މަގު ހުޅުވިފައިވާ ކަމަށެވެ.  އަދި އިސްލާމްދީނަށް ފުރައްސާރަކޮށް ރާއްޖެ ހަލާކުކުރުމަށް މަސައްކަތްކުރާ މީހުން އެފަދަ ޢަމަލު ކުރަމުންދާ ހިނދު، އެކަމާ އިންކާރު ނުކޮށް، އެކަން ދިފާޢު ކުރާނީ އެމީހުންނާ އެއްފަދަ މީހުން ކަމަށާއި، އެއީ މުސްލިމުންނެއް ނޫން ކަމުގައި ޝައިޚް ޝަމީމް ވިދާޅުވި އެވެ.

އިސްލާމްދީނަށް ވަނުމަކީ ވާޖިބެއް ނުވަތަ މަޖުބޫރު ކަމެއް ނޫން ކަމުގައްޔާއި، މާތް ﷲ ގެ ޙުކުމްފުޅާއި، އެކަލާނގެ ޙަލާލު ކުރެއްވި އެއްޗެއްސާއި، ޙަރާމް ކުރެއްވި އެއްޗެހި ޤަބޫލު ކުރުމާއި ނުކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ އިޚްތާޔާރެއް ކަމުގައި ދީނާ ދެކޮޅު މީހުން ދައްކަމުންދާ ބާޠިލް ވާހަކަތަކަށް ޝައިޚް ޝަމީމް ވަނީ ރައްދު ދެއްވާފައެވެ.

ޝައިޚް ޝަމީމް ވިދާޅުވީ މިކަމަކީ ބަޔަކު މީހުންނަށް އަރާފައިވާ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.

“މާތް ﷲ ގެ ދީން އެއީ ހަމައެކަނި ޙައްޤު ދީނަކީ. އެދީނަށް ވަނުމަކީ ހުރިހާ އިންސާނުންގެ މައްޗަށް ވާޖިބެއް، ފަރުޟެއް، މަޖުބޫރު ކަމެއް. އެކަމަކު، ގަދަ ބާރުން ކުރުވުން ހުއްދަ ނޫން ކަމަކީ ޣައިރު މުސްލިމަކު ގަދަކަމުން، މަޖުބޫރު ކޮށްގެން މިދީނަށް ވެއްދުން. އެއީ އަޅުގަނޑުމެންނަށް ހުއްދަ ކަމެއް ނޫން.” ޝައިޚް ޝަމީމް ވިދާޅުވި އެވެ.

ޝައިޚް ޝަމީމް ވިދާޅުވި ގޮތުގައި، އޭގެ މާނައަކީ، ސިޔާސީ ޕާޓީ އަކަށް މީހުން ވަދެ ނުކުމެ ހަދާހެން، ބޭނުން އިރަކު އިސްލާމްދީނަށް ވަދެފަ، ބޭނުން އިރަކު ނުކުމެފަ، މިދީނާ މެދު ސަކަރާތް ޖެހުމަކީ ހުއްދަ ކަމެއް ނޫނެވެ.

ޝައިޚް ޝަމީމް މިހާރު ދަނީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް